ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާ ދިމާއަށް ދިއުމަށް އަދި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުޙާން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ޑަވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފައިސަލް ބިން ފަރުޙާން ވިދާޅުވީ “ އަށް އަހަރުގެ ކޯޅުން ހައްލު ކުރެވޭނީ ސިޔާސީ ހައްލެއްގެ ތެރެއިން“ ކަމަށެވެ.
ހަމަ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފައިސަލް ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އިސްރާއީލުގެ އައު ސަރުކާރަށް ސީރިއަސްކޮށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އިސްރާއީލު ސަރުކާރަށް ފަހި ނުވެދާނެ ބައެއް ކަންތައްތަކަށް އިސްރާއީލުގެ އައު ސަރުކާރުން އިޝާރާތްކޮށް ވާހަކަދައްކަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަކީ އިސްރާއީލާއި ފަލަސްތީނުގެ އިތުރަށް ސަރަހައްދުގެ މަސްލަހަތަށް ވެސް ފައިދާހުރި ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަރަބީންނާ ގުޅުން ބަދަހި ކުރުމަށް 2020 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިންއާ އެކު ސުލްހައިގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. އަދި އިސްރާއީލުން ވަނީ ސައުދީ އަރަބިޔާއާ ސިޔާސީ ގުޅުން ގާއިމުކުރުމަށް ބޭނުން ވެގެން އެކަން ވެސް ހުށަހަޅާފައެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން ވަނީ އިސްރާއީލުގެ އެ ހުށަހެޅުން ރައްދުކޮށްފައެވެ. އަދި އެކަން ކުރުމުގެ ކުރިން، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށާއި ޒަމާނުއްސުރެ އިސްރާއީލާއި ފަލަސްޠީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އެދިފައެވެ.