ސަރުކާރުގެ ތަރައްޤީގެ ކަންކަން އަތުރައިލަމުން އަންނަ ގޮތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާ ވަކި އުސޫލުތަކެއް, ވައްޓަފާޅިއެއް އޮންނަ ކަމަށާއި، ކުރާ ކޮންމެ މަސައްކަތަކާއި ހިނގާ ކޮންމެ މަޝްރޫޢެއް ހިންގަނީ އެ ގޮތަށް ކަމަށެވެ.
”މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްޤީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާކުރެވި ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެ ގޮތަށް އެކަން ނުކުރެވިއްޖެނަމަ މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ، އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަން ކުރީމާ ދެން ވަނީ މާ ދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ޙިކުމަތާއި ކެތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ.“ ރައީސް ވިދާޅުވިއެވެ.
ގދ.ހޯޑެއްދޫގައި ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ރައީސް ޞާލިޙްގެ ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.
”އަޅުގަނޑު ސްޕީޗް ރައިޓަރަށް ދަންނަވަން ބޭނުން. އަސްލު ބަސްތައް އަތުރަންވީ ގޮތް.“
”ތަރައްޤީއަކީ ވަކި ޚާއްސަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވުނީމާ އަޅުގަނޑުމެންނަށްވާ ކަމެއް. މި ދެންނެވި ބަސްތައް އަތުރައިލުމަށް އިއްޔެ ހަނިމާދޫގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަަސައްކަތް ކުރެއްވި..“
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ތަރައްޤީގެ ތަރުތީބުގެ ވާހަކަ ރައީސް ދެެއްކެވި ނަމަވެސް ރަށްރަށުގައި މިހާރު ވެސް ފަށައިގެން ހިންގަންޖެހޭ އެތައް މަޝްރޫޢުއެއް ކުރިއަށްނުދާ ކަމުގައެވެ.