މަނީ ލޯންޑަރިންގއާއި ޕޮންޒީ ސްކީމާ ގުޅުންހުރި އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު މެންދުރުފަހު ވަނީ އަލްހާންގެ އޮފީސް ބަލައި ފާސްކޮށްފައެވެ. ކޯޓު އަމުރަކާއެކު ފުލުހުން އަލްހާނުގެ އޮފީހަށް ވަނީ 14:30 ހާއިރުއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ބަލައި ފާސްކުރަން ބޭނުންވަނީ ކިންގްސް ޓްރޭޑިން އެންޑް ސަޕްލައި ލިމިޓެޑާ ގުޅުންހުރި ތަންތަނެވެ.
އެ އަމުރު ނެރުނު ސަބަބެއްކަމަށް އޮތީ ކިންގްސް ކެޕިޓަލް ހޯލްޑިންްގްސް ކުންފުނިން ޢާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފުކޮށް އިންވެސްޓަރުންނަށް މަންފާލިބޭ ކަމަށް ދައްކައި ގިނަ ޢަދަދެއްގެ ފައިސާ ނަގައި އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައެވެ.
ސަންގު ޓީވީއަށް އަލްހާން ވިދާޅުވީ ފުލުހުން މިއަދު އޭނާގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ފުުލުހުން ތަޙްޤީޤު ކުރަމުންދާ މި މައްސަލައިގައި މިދިޔަ އަހަރު މެއި މަހުގައި އަލްހާން ފުލުހަށް ވެސް ހާޒިރުކުރިއެވެ.