ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެ މަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގަންނަވާނަމަ އެންމެ ރިވެތި ގޮތަކީ މަޤާމުން އިސްތިއުފާ ދެއްވުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މިއަދު ވަނީ ރައީސް ނަޝީދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ.
އެކަމާ ގުޅިގެން މަލާމާތުގެ ރާގަކަށް ރޮޒައިނާ ވިދާޅުވީ އެވަރުން ވެސް ރައީސް ޞާލިޙް ވަޒީފާގެ ބިރުދައްކަވާ ކަމަށް ބުނެ ވީޑިއޯއެއް ހަދާލީމާ ރަނގަޅުވާނެ ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވަމުން ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަމްރު ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގަތް ނަމަވެސް އޭނާ މަޤާމުން ވަކިކުރަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކެރިވަޑައިނުގަންނަވާ ކަމަށާއި އެއީ އަމްރުގެ ޢިލްމާއި ތަޖުރިބާގެ ބޭނުން ސަރުކާރަށް މުހިންމުވާތީ ކަމަށެވެ.
ކުރުސީގެ ޓްވީޓަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އަމްރުއަކީ އޭނާ އައްޔަން ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ ރައީސް ޞާލިޙް އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
”މަނިކުފާނު [ނަޝީދު] ރިވެތި އުސޫލު ކިޔައިދެއްވާއިރު ރިވެތި އުސޫލަކީ 115 ގެ ދަށުން ތިބޭ މީހުން ރައީސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަމިއްލަޔަށް އިސްތިއުފާދިނުން. ޤަބޫލުނުކުރާ މީހެއްގެ ވަޒީފާ ހަމަ އޯކޭ ދޯ.“ ކުރުސީއަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.
ރޮޒައިނާ ގަބޫލުކުރައްވާ ގޮތުން ”ހަސަން ކުރުސީ“ އަކީ ނަޝީދެވެ. ނަމަވެސް ނަޝީދު ވިދާޅުވަނީ އެއީ އެ މަނިކުފާނު ބޭނުންކުރައްވާ އެކައުންޓެއް ނޫން ކަމަށެވެ.
ރޮޒައިނާ ”ރިވެތި އުސޫލު“ ގެ ވާހަކަ މި ދައްކަވަނީ މިއަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހޯޑެއްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙަކީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަކަށްވުމާއެކު ރައީސްގެ މަޤާމުން ދުރުވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
”ހަމަހަމަ ކަމާއެކީ އަޅުގަނޑާ ވާދަކުރައްވައި ރިވެތި ގޮތުގައި އެކަން ކުރަންޖެހޭނީ.“ ނަޝީދު ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވެފައިވަނ ނަޝީދު ރިވެތި ގޮތަށް ކަންތައް ކުރައްވާނަމަ ރައީސްއާ ދެކޮޅަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށެވެ.