މި ދައުރުގެ ފަސް އަހަރު ނިމިގެންދާއިރު ށ.ނަލަންދޫ އޮންނާނީ ފަތުރުވެރިކަމަށް ތައްޔާރުވެފައިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ށ.މިލަންދުއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނަލަންދޫ މިހާރު ހަވާލުކޮށްފައިވާ ފަރާތުގެ އަތުން އެ ރަށް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ކުރައްވަމުން ގެންދަވަނީ ޤާނޫނާ ގަވާއިދުގައިވާ ގޮތުގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.
ނަލަންދޫގައި މިހާރު ކުރާ މަސައްކަތަކީ ލަނޑާ އާލާކުރުމުގެ މަސައްކަތްކަމަށްވާއިރު, ރައީސް ވިދާޅުވީ އެ މަސައްކަތަށް ބަޔަކ އޮންނާނީ ކޮންމެވެސް ވަރެއްގެ އިންވެސްޓްމަންޓެއް ކޮށްފައި ކަމަށާއި އެހެންކަމުން ބަދަލުދީފައި ނޫނީ އެ ރަށް ނުހޯދޭނެ ކަމަށެވެ.
”….އެ ރަށުގައި ކޮށްފައި ހުރި މަސައްކަތުގެ އަގުކޮށްފައި ދޭންޖެހޭ ބަދަލެއްދީފައި އެ ރަށް ޓޫރިޒަމަށް ބަދަލުކުރުން އެއީ އަޅުގަނޑުމެން ކަންކުރާނެ ގޮތަކީ.“
ރައީސް ވިދާޅުވީ ނަލަންދޫ މިހާރު އޮތީ އަގުކުރެވިފައި ކަމަށާއި ލަސްތަކެއްނުވެ ރަނގަޅު އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށެވެ.
”އެއަށްފަހު މި ރަށަށް އިންވެސްޓްމަންޓް ކުރާނެ މީހުން މިހާރު ވެސް ތިބީ ތައްޔާރަށް. މި ދައުރުގެ ފަސް އަހަރު ނިމިގެންދާއިރު މި ރަށް އޮންނާނީ ޓޫރިޒަމަށް ތައްޔާރުވެފައި.“
ނަލަންދޫ ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ އަތުން އެ ރަށް އަތުލައި ފަތުރުވެރިކަމަށް ފައްކާކުރަން ހުޅުވައިލާނެ ކަމަށް 2021 ވަނަ އަހަރު ވެސް ރައީސް ވިދާޅުވިއެެވެ.