އޭނާ ޖަލުގައި ހުންނެވިއިރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަންތައް ކުރެއްވީ ވަރަށް އިހާނެތިކޮށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން އިއްޔެ ވަނީ މާފުށީ ޖަލުގައި ހުންނެވި އެ ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީނާ ބައްދަލުކުރައްވައިފައެވެ. އެ ގޮތުން އިމްރާން މިއަދު ވިދާޅުވީ އެކަމުން އަންގައިދެނީ އޭނާ ޖަލުގައި ހުންނެވިއިރު ކިތަންމެ އިހާނެތިކޮށް ކަންކުރި ނަމަވެސް “އަޅުގަނޑުމެން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން“ ކަމަށާއި އެކަމުން އަންގައިދެނީ ރައީސް ޞާލިޙްގެ ހިތްތިިރިކަން ކަމަށެވެ.
އެކަމާ ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި އަދުރޭ ވަނީ ޢީދު ރޯދައަށާއި އަނބިކަނބަލުން ވިހަން ވާ އިރަށް ގެއަށް ބަދަލުކުރި ހަނދާން އެބަހުރިތޯ އިމްރާނާ ސުވާލު ކުރައްވައިފައެވެ. އަދި ގޭގައި ހުންނަވައިގެން ފެންކުޅި ކުޅުއްވައި މަޖާކުރެއްވި ހަނދާން މިހާރަކު ނުވޭތޯއާއި ޖަލުގައި ތިއްބަވައިގެން އެކުވެރިންނާއެކު ސެލްފީ ނަންގަވައި އުޅުއްވި ހަނދާން މިހާރު ނެތީތޯ ވެސް ސުވާލު ކުރައްވައިފައެވެ.
”ކަލޭގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތްދޯ“ އަދުރޭ ވިދާޅުވިއެވެ.