ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ފުރާވަޑައިގެންފިއެވެ.
ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ވަޑައިގަތީ ސީދާ ނ.މާފަރަށެވެ.
އެއަށްފަހު ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެއިތުރުން އިންޑިއާގެ އެހީގައި ފޯކައިދޫގައި ގާއިމުކުރި ކޮމިއުނިޓީ ސެންޓަރު ވެސް އިފްތިތާހުކޮށްދެއްވިއެވެ.
މީގެއިތުރުން ޖައިޝަންކަރު ވަނީ އުތީމަށް ވަޑައިގެން އެ ރަށުގެ ތާރީޚީ ތަންތަން ވެސް ބައްލަވައިލައްވާފައެވެ.
މި ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ. ހަނިމާދޫ އެއާޕޯޓުގެ ވީވީއައިޕީ ލައުންޖްގައި ރޭ ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓު މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ.