އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ރިވެތި އުސޫލުން ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހޯޑެއްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަކީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަކަށްވުމާއެކު ރައީސްގެ މަޤާމުން ދުރުވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
”ހަމަހަމަ ކަމާއެކީ އަޅުގަނޑާ ވާދަކުރައްވައި ރިވެތި ގޮތުގައި އެކަން ކުރަންޖެހޭނީ.“ ނަޝީދު ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ނަޝީދު ރިވެތި ގޮތަށް ކަންތައް ކުރައްވާނަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ސިޓިންގ ޕްރެޒިޑެންޓެއް ހުންނަވަނިކޮށް ދެވަނަ ދައުރަކަށް ޕްރައިމަރީ އެއް ނުވެސް އޮންނާނެ ކަމަށެވެ. އަދި އެ މަނިކުފާނާ ވާދަކުރައްވައި ޕާޓީތެރެ ގަޑުބަޑު ކުރައްވާކަށް ނުވެސް އުޅުއްވާނެ ކަމަށާއި ރިވެތި ގޮތުގައި ކަން ކުރާނަމަ އެކަތިގަނޑެއްހެން އެންމެން އެކީ ރައީސް ޞާލިޙާއެކު ނުކުތީސް ކަމަށެވެ.
”ނަޝީދު ދެވަނަ ދައުރަކަށް ނުކުތްއިރު މި ޕާޓީން ނަޝީދާ ވާދަ ކުރަން އެއްވެސް މީހަކު ނުނިކުމޭ. އެއީ ރިވެތި ގޮތަށް ކަންތައް ކުރަންވެގެން. ނަޝީދަށް އެ ރިވެތި ގޮތް ނޭނގުމުގެ އަގު އެމްޑީޕީއަށް ވަރަށް ބޮޑުވާނެ. ނަމަވެސް އެމްޑީޕީގެ ގިނަ މީހުންނަށް ހެޔޮވިސްނޭތީ މި އިންތިޚާބު ރައީސް އިބޫ ކާމިޔާބު ކުރައްވާނެ.“
ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަސް ގާތްވަމުން އަންނައިރު ކެމްޕޭންގެ ފޯރި ވެސް އަންނަނީ ގަދަވަމުންނެވެ. ދެ ކެންޑިޑޭޓުން ވެސް ވިދާޅުވަމުން ގެންދަވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.