ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އެ ރަށަށް އެތެރެކުރީ މާލޭ ސިޓީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލައި ގަވާއިދާ ޚިލާފަށްކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ފާޑުވިދާޅުވެއްޖެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ މިނީ ބަސްތައް ވިލިމާލެއަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. އެމްޓީސީސީން ނިންމާފައިވަނީ މާދަމާ އެ ޚިދުމަތް ފެށުމަށެވެ.
މުޢިއްޒު މިއަދު ވިދާޅުވީ ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލައި ގަވާއިދާ ޚިލާފަށް ވަގަށް ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާ ކަމަށެވެ. އެކަން ފުލުހުންނާއި އެލްޖީއޭގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
”ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައި.“ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒުގެ ވާހަކައާ ގުޅިގެން މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދަށް މުދާ އަރުވައި ބޭލުމަކީ ކައުންސިލުން ހުއްދަ ނަގަންޖެހޭ ކަމެެއް ނޫން ކަމަށެވެ. އަދި ޤާނޫނަށް ފަރިތަނުވެ މޭޔަރުކަމާ ހަވާލުވެލެއްވިކަން ވަަރަށް ދެރަކަމަށް ވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވިއެވެ.
ragalhu ginairu burakaseega bura othumunva varubali mueezakan neegeene solih kodujansaladeefi