މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ވިލިނގިލީގައި އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ މިނީ ބަސްތައް ގެނެސް މާދަމާ އެ ހިދުމަތް ފެށުމަށް ނިންމައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، ވިލިމާލޭގެ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ކަމަށާއި ބަހުގެ ހިދުމަތް ފަށާ ފުރަތަމަ ދެހަފްތާގެ ތެރޭގައި އަގު ނުނަގާނެ ކަމަށެވެ.
އެ ކުންފުނީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ވިލިމާލެ އަށް ހިދުމަތް ދޭން މިހާރު ވަނީ އިލެކްޓިކް ހަ ބަސް ގެންގޮސްފަ އެވެ. އެ އަވަށުގައި ބަހުގެ ހިދުމަތް ފަށާނީ މާދަމާ ހަވީރު 4:30 ގަ އެވެ. އެމްޓީސީސީން ބުނީ ހިދުމަތް ފެށުމަށް ފަހު، ދެ ހަފުތާ ވަންދެން ހިލޭ ދަތުރު ވެސް ކުރެވޭނެ ކަމަށެވެ.
ވިލިމާލޭގެ ބަހުގެ ހިދުމަތަށް ނަގާނެ އަގެއް އަދި ނުނިންމަ އެވެ.
މި ހިދުމަތް އެ އަވަށުގައި ދޭން ނިންމީ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފެށުމަށް ތައްޔާރީތައް ވަމުން އަންނަނިކޮށެވެ. އެހެންވެ ކައުންސިލުން އެކަމަށް ފާޑު ވެސް ކިޔާފައިވެ އެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް މިދިޔަ އަހަރުން ފެށިގެން މާލެ އާއި ހުޅުމާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ވެސް އަންނަނީ ދެމުންނެވެ.