ޢުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ލ.ކަލައިދޫ/މާކަރީލައިޓް މުޙައްމަދު ޝަޒްލީފް 40 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޝަޒްލީފްގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް އުފުލިއެވެ. އެއީ ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާއެވެ.
އެ ދެ ދަޢުވާ އުފުލީ 06 ޖަނަވަރީ 2018 ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ލ.ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ޢުމުރުން 17 އަހަރުގެ ކުއްޖަކު ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި އެ ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާތީއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެފައިވާތީ އިއްވީ 20 އަހަރުގެ ޖަލު ޙުކުމެކެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ އިއްވީ 20 އަހަރަށް ޖަލު ޙުކުމެކެވެ.
ނަމަވެސް އެ ޙުކުމުން 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރަންޖެހެއެވެ. އެއީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތެވެ.