ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެނެސްދެއްވި ތަރައްޤީއާއި ކުރީގެ ހުރިހާ ވެރިކަންތައް އަޅައިބެލި ނަމަވެސް ފައިހަމަ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުތަކުގައި ދިމާވި އިގުތިސާދީ ދަތިތަކާއެކު ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަވައި، ރާއްޖޭގެ އުތުރުން ދެކުނަށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދަވައި, ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް ރައީސް ޞާލިޙް ގެނެސްދެއްވާފައިވާ ކަމަށެވެ.
އެ ގޮތުން މިނިމަމް ވޭޖާއި ސަރވިސް ޗާޖާއި ޕޭ ހާމަނައިޒޭޝަނާއި ހިލޭ ޑިގްރީގެ ވާހަކަ އަމީރު ފާހަގަކުރެއްވިއެވެ.
”މި ދިމާވި ދަތިތަކާއެކު ރައީސް ޞާލިޙް ގެނެސްދެއްވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައިހަމަނުކުރެވޭނެ.“ އަމީރު ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައިވާ މަޝރޫޢުތައް މަޑުޖެހިފައިވާކަމުގެ ޝަކުވާ ބޮޑެވެ. އެ ވާހަކަ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ފާހަގަކުރައްވައިފައެވެ.