ށ.ބިލެތްފަހީގައި ސަރުކާރުން ހަދަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް މި ދައުރުތެރޭ ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ކަނޑިތީމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރޭ ޢަމަލީ މަސައްކަތް ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް ނިމުމުން ބޮޑުތިލަދުންމައްޗަށް ބޮޑު އިންގިލާބެއް އަންނާނެކަމަށާއި އެ ސަރަހައްދުގެ އިގުތިސާދު ކުރިއަރައިގެންދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިލެތްފަހީގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމުގައެވެ.
“ބިލެތްފަހީގެ އެއާޕޯޓުގެ މަސައްކަތް ފެށި މި ދައުރުގެތެެރޭ އަމަލީ މަސައްކަތް ފެށިގެންދާތަން ފެނިގެންދާނެ.“ އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެކަން ކުރާނެ ބަޔަކު ހޯދަން ޓެންޑާކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
ބިލެތްފަހީގައި އެއާޕޯޓު އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ 2020 ވަނަ އަހަރުއެވެ. ކުރިން ބުނީ 2021 ގައި އެއާޕޯޓު ނިމޭނެ ކަމަށެވެ.