ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއްކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން އެކަމަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ހަނިމާދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ޖައިޝަންކަރެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރަން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ސަޢީދު ވިދާޅުވީ ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް ކަމަށެވެ. އަދި ހާލަތާ ނުބައްދަލު ބިޔަ ދަރަނި ނަގާކަން ވެސް ސަޢީދު ފާހަގަކުރެއްވިއެވެ.ޗ
”ދިވެހިންގެ އެންމެ އިސްވެރިއަކު ވެރިކަމުގެ ދަހީގައި މި ހާލަތަށް ވެއްޓުނު ޒަމަނާނެއް އައިސްފަވޭބާ؟ ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް. ހާލަތާ ނުބައްދަލު ބިޔަ ދަރަނި، ލޯނު. ދައްކާނީ ދިވެހި ދައުލަތް. ޖީއެމްއާރްގެ ބަދަލު މި ނަގަނީ ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި.“ ސަޢީދު ވިދާޅުވިއެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނުމަށް ނިންމީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖޫންމަހުގެ 28 ގައެވެ. ޖީއެމްއާރާއެކު ގާއިމުކުރި އެއްބަސްވުން ބާޠިލުކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައެވެ.