ޤައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން ކަމަށާއި ވަރަށްގިނަ އަމިއްލަ އިހުސާސާއި ދޭދޭ ޖަޒުބާތު އެއްފަރާތް ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި މިއަދު ކުލަ ޖެހިއްޖެ ކަމަށެވެ.
”މި ރަސްމިއްޔާތު ބާއްވާއިރު މިއަދު ދަންނަވާލަން ބޭނުން ނުކުތާއެއް އެބަވޭ. އެއީ އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާ ވަކި އުސޫލުތަކެއް ވައްޓަފާޅިއެއް އޮންނަ ވާހަކަ. ކުރާ ކޮންމެ މަސައްކަތަކާއި ހިނގާ ކޮންމެ މަޝްރޫޢެއް ހިންގަނީ މި ދެންނެވި ގޮތަށް. މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްޤީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާކުރެވި ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަން ކުރީމާ ދެން ވަނީ މާދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ހިކުމަތާއި ކެތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ.“
ރައީސް ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މި ފެށީ ވެސް އެގޮތަށް ކަމަށާއި ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލި ހުސްނުވާ ގޮތަށް ކަމަށެވެ.
”ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ.“
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށްޓަކައި ޤައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން ކަމަށާއި އެ ގޮތުން ވަރަށްގިނަ އަމިއްލަ އިޙްސާސާއި ދޭދޭ ޖަޒުބާތު އެއްފަރާތް ކުރަންޖެހޭ ކަމަށެވެ.
”ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުންނެތި ކަނޑޫ ކަހައިފިނަމަ އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލައި މަގުމަތިވާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ ރޭވެ އަލިވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށެވެ. އަދި ކޮންމެ ކަމަކަށްވެސް ދެމެހެއްޓެނިވި ވިސްނުމަކާއި ފެން ހިލޭ ޕްލޭނެއް އޮންނަންވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ޢަމަލީ މަސައްކަތް ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޝްރޫޢު ހިންގުމަށް އެންމެބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ ކަމަށާއި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި ކަމަށެވެ.