އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫގައި ރޭ ވަނީ ރައީސް ޞާލިޙާ ބައްދަލު ކުރައްވައިފައެވެ.
ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ވީވީއައިޕީ ލައުންޖްގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ އަސްލަކީ ސަޤާފީ އަދި ތާރީޚީ ގުޅުމުގެ އިތުރުން އެއްބައިވަންތަ އަޚްލާޤެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް ޕޮލިސީ“ގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސަރަހައްދީ އަދި މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.
ރައީސް ޞާލިޙް ވަނީ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޖައިޝަންކަރަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި މަޝްރޫޢު ވެގެންދާނީ މި ސަރަހައްދުގެ އިގުތިސާދުގެ ކުރިއެރުމަށް މަގުފަހިކުރާނެ ހަބަކަށް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.