ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ފިސާރި ގަދަކޮށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެެއެވެ.
އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން އިއްޔެ ވަނީ މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުވި ކަމަށާއި އެ މަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށާއި އަޅުވެތިކަމަށް ބޯ ނުލަންބަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
”މައުސޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް.“ ރައީސް ޔާމީން ވިދާޅުވިކަމަށް އަދުރޭ ވިދާޅުވިއެވެ.
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ދެ ދަޢުވާއެއް އުފުލިއެވެ. ރިޝްވަތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން އެ މަނިކުފާނު ޖަލަށްލުމަށް ޙުކުމްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.