ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އެ ރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިމާލޭގައި ބޭނުންކުރަން އިލެކްޓްރޮނިކް ބަސްތަކެއް އެ ރަށަށް އެތެރެކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި ހަ އިލެކްޓްރޮނިކް ބަހެވެ. އެ ބަސްތަކުގައި 11 މީހުންނަށް ޖާގަ ހުންނައިރު, 4 މީހުން ނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ.
އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ މި މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.