އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު, ރައީސް ނަޝީދުގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ.
އަމްރު މިއަދު ވަނީ ނަޝީދާއެކު ހުވަދު އަތޮޅަށް ވަޑައިގެންފައެވެ. އެ ގޮތުން ކުރިއަށް އޮތް ތިން ދުވަހުގައި ހުވަދު އަތޮޅުގައި ކެމްޕޭން ކުރައްވާނެއެވެ.
އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވާ އަމްރު އަކީ ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯއެވެ. އަމްރު ވަނީ ނަޝީދާއެކު ވަރަށް ގިނަ ދުވަހު ސިޔާސީ މަސައްކަތުގައި ވެސް އުޅުއްވައިފައެވެ.
ހުވަދު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަމްރުވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބު 2014 ގައި ތިނަދޫ ދާއިރާއަށް ވެސް ވާދަކުރައްވައިފައެވެ.