އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ ފުރަތަމަ މަންޒިލަކީ ހޯޑެއްދުއެވެ. އެ ރަށުން ރައީސް ނަޝީދަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު ހުވަދު އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން ހާލަތު ބައްލަވައިލައްވާނެއެވެ. އަދި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ 28 ގައެވެ. އިންތިޚާބުގެ ދުވަސް ގާތްވަމުން އަންނައިރު ކެމްޕޭންގެ ފޯރި ވެސް ވަނީ ވަރަށް ގަދަވެފައެވެ.