ހިންދީ ފިލްމީ ދުނިޔޭގެ ރަސްގެފާނު ޝާހް ރުޚް ޚާންގެ އެންމެ ފިލްމެއް ވެސް ފާއިތުވެދިޔަ 4 އަހަރު ދުވަހު ދައްކާފައި ނުވިޔަސް އަދިވެސް އޭނާ އޮތީ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ގަދަ ފަހެއް ގައެވެ.
ޝާހް ރުޚް ޚާނަކީ ހަމައެކަނި އިންޑިއާގައި މަޝްހޫރު ތަރިއެއް ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޭނާ ދެކެ ލޯބިވާ އޭނާއަށް ތަރުހީބުދޭ މީހުން އުޅެއެވެ. އޭނާއަށް އާމުދަނީ ލިބެނީ ހަމައެކަނި ފިލްމު ކުޅެގެނެއް ނޫނެވެ. އެކިއެކި އިޝްތިހާރުތަކުންނާއި ބައްދަލުވުންތަކުންނާއި ބާއްވާ ޝޯތަކުން ވެސް އޭނާއަށް ގިނަ އަދަދަކަށް ލާރި ލިބެއެވެ.
ފޯބްސް މަޖައްލާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޝާހް ރުޚް ޚާނަށް އަހަރަކު ޖުމްލަކޮށް 38 މިލިއން ޑޮލަރު (އިންޑިއާގެ 313 ކްރޯޑް ރުޕީސް) ލިބެއެވެ.
މިދިޔަ 4 އަހަރު ތެރޭގައި ޝާހުގެ ބޮޑު ފިލްމެއް ރިލީޒް ނުކުރި ނަމަވެސް އަދިވެސް އޭނާ އޮތީ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.
”ވޯލްޑް އޮފް ސްޓެޓިސްޓިކްސް“އިން އާންމުކޮށްފައިވާ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގައިވާ ގޮތުން ޝާހް ރުޚް ޚާން އަކީ 770 މިލިއަން ޑޮލަރު ނުވަތަ 6،306 ކްރޯޑް ރުޕީސްގެ މުއްސަނދިކަން ލިބިފައިވާ ހަމައެކަނި އިންޑިއާ އެކްޓަރެވެ.
އެމެރިކާގެ ކޮމެޑީ ތަރި އަދި އެކްޓަރު ޖެރީ ސެއިންފެލްޑް ލިސްޓުގެ އެންމެ ކުރީގައި އޮތް އިރު އޭނާގެ މުއްސަނދިކަން އެއް ބިލިއަން ޑޮލަރުން ގުނާލެވެއެވެ.

ޝާހްރުކް ޚާން 4 އަހަރަށްފަހު ބޮޑު ސްކްރީނަށް އެނބުރި އަންނަނީ މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ދައްކަން ފަށާ ފިލްމު ”ޕަޓާން“އިންނެވެ. އެއީ ހައްދު ފަހަނަޅާފައިވާ ހިންދޫންގެ ނުރުހުން އަމާޒުވެފައިވާ ފިލްމަކަށް ވިޔަސް، ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ ފައިސާ ލިބޭނޭ ކަމަށް އުއްމީދު ކުރެވެއެވެ.