ޔޫކްރޭންގެ ވެރިރަށް ކިއެވް ކައިރިން އުދުހިފައި ދިޔަ ހެލިކޮޕްޓަރެއް ވެއްޓި ޔޫކްރޭންގެ ދާޚިލީ ވަޒީރާއި އޭނާގެ ނައިބު ހިމެނޭ ގޮތަށް 18 މީހަކު މަރުވެއްޖެއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މައިކަލް ވެސް ވަނީ ޔޫކްރޭންގެ ދާޚިލީ ވަޒީރު ޑެނިސް މޮނާސްޓަރސްކީ އަވަހާރަވިކަން ކަށަވަރުކޮށްދެއްވައި، އޭނާއަކީ ޔޫރަޕިއަން ޔޫނިއަންގެ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެފައެވެ.
އުމުރުފުޅުން 42 އަހަރުގެ މިނިސްޓަރ ޑެނިސް މޮނާސްޓަރސްކީއަކީ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާއަށް މިނިސްޓަރކަން ލިބިވަޑައިގަތީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޔޫކްރޭންގެ ނޭޝަނަލް ޕޮލިސްގެ ވެރިޔާ އިހޯރް ކްލައިމެންކޯ ވިދާޅުވީ ޔޫކްރޭންގެ މިނިސްޓަރ އޮފް އިންޓީރިއާ އާއި ޑެޕިއުޓީ މިނިސްޓަރު އޮފް އިންޓީރިއާ ޔޯހާން ޔެނިން އާއި ސެކްރެޓަރީ އޮފް އިންޓީރިއާ ޔޫރީ ލުބްކޯވިޗް ވެސް ވެއްޓުނު ހެލިކޮޕްޓަރުގައި ތިއްބެވި ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުއްޖަކު ވެސް ހިމެނެއެވެ. ހެލިކޮޕްޓަރުގައި ނުވަ މީހަކު ތިބިއިރު އޭގެތެރެއިން 6 މީހުންނަކީ ދާޚިލީ ވުޒާރާގެ އެންމެ އިސް 6 ބޭފުޅުންނެވެ. އަނެއް ތިން މީހުންނަކީ ހެލިކޮޕްޓަރުގެ ކުރޫންނެވެ.

ވެއްޓުނު ހެލިކޮޕްޓަރު ދަށުވެގެން ވެސް ބައެއް މީހުން މަރުވެފައިވެއެވެ. ހެލިކޮޕްޓަރު ވެއްޓުނު ތަނާ ކައިރީގައި ކުޑަކުދިންނަށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. އެ ސަރަހައްދުން ޚަބަރު ލިބޭގޮތުގައި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި 15 ކުޑަކުދިން ހިމެނޭ ގޮތަށް 29 މީހަކަށް އަނިޔާވެފައި ވެއެވެ.
މިހާދިސާ ހިނގާފައިވަނީ ޔޫކްރޭނާއި ޖަރުމަނާ ދެމެދު ޔޫކްރޭނަށް ޓޭންކް ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ދަނޑިވަޅެއްގައެވެ. ޖަރުމަނުގައި އުފައްދާފައިވާ ޒަމާނީ ޓެންކްތައް ޔޫކްރޭނުން ބޭނުން ކުރާނީ ރަޝިޔާގެ އަނިޔާވެރިކަމާ ދެކޮޅަށެވެ.
ހެލިކޮޕްޓަރު ވެއްޓުނީ އެކްސިޑެންޓެއްގައިކަން ނުވަތަ ރަޝިއާއިން ދިން ހަމަލާއެއްގައި ކަން އަދި ޔަގީނެއް ނުކުރެވެއެވެ. ކަމާބެހޭ މީހުން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.
ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައަށް އަހަރެއް ވާން އުޅޭއިރު، އެ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ޔޫކްރޭންގެ ގިނަ ސަރަހައްދުތަކެއް ހިފައި ޔޫކްރޭނަށް ވަރަށް ބޮޑަށް ގެއްލުން ދީފައި ވެއެވެ.
ރަޝިޔާގެ ޢުދުވާނީ އަމަލުތައް ދުނިޔޭގެ ގިނަ ބަޔަކު ކުށްވެރިކުރާއިރު، އެމެރިކާއާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ދަނީ ޔޫކްރޭނަށް ވަރަށް ގިނަ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެކަމުގެ ސަބަބުން ހަނގުރާމައިގެ ހުޅުގަނޑު ދަނީ ބޮޑުވަމުންނެވެ.