ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ޖައިޝަންކަރެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރަން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 136.6 މިލިއަން ޑޮލަރަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލަކާއި، 2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއަކާއި، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން އިތުރު ވަސީލަތްތައް ގާއިމުކުރާނެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.