ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއިން ރަމްޒުކޮށްދެނީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ މިއީ ވަރަށް ކުރިއްސުރެ އުތުރުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވަނީ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ލަސްތަކެއްނުވެ އުތުރުގެ އަތޮޅުތަކަށް ފެތުރިގެންދާނީ އިގުތިސާދީ އާރޯކަމާއި ހަލުވި ތަރައްޤީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
”ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ގެނެސްދޭނީ އުފާވެރިކަމާއި ހިތްހަމަޖެހުން.“
މިއީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު އެއް މަަޝްރޫޢު ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ އަދި އަދާކުރަމުން އަންނަ ޤައުމު ކަމަށް ޝާހިދު ވިދާޅުވިއެވެ.
”މިއަދު ފެށިގެންދާ މި މަޝްރޫޢުން ވެސް ރަމްޒުކޮށްދެނީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް އަހައްމިއްޔަތުކަން ދޭ މިންވަރު.“ ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއެކު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރުގައެވެ.
މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.
ޖޭއެމްސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 136.6 މިލިއަން ޑޮލަރަށެވެ. މި މަސައްކަތުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލަކާއި، 2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއަކާއި، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން އިތުރު ވަސީލަތްތައް ގާއިމުކުރާނެއެވެ.