ޅ.ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ.ގެމަނަފުށީގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި މިފްކޯގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރަން ހަމަޖެހިފައިވަނީ މަޝްރޫޢުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ރައިނެކް އިންޑިއާ ލިމިޓެޑާއެވެ.
މިއީ 23 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ގާއިމުކުރާނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ގާއިމު ކުރާނެއެވެ.
ހަމައެހެންމެ ގއ.ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓްގައި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ގާއިމުކުރާނެއެވެ.