ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ގުޅިގެން މިހާރަކު ބޮޑެތި ޝަކުވާތަކެއް ނާންނަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މިއަދު ކުމުންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ގުޅިގެން ކުރިން އަންނަ ބޮޑެތި ޝަކުވާތަކެއް މިހާރަކު ނާންނަ ކަމަށެވެ.
”ރަށްރަށަށްދާއިރު ކަރަންޓުގެ ޝަކުވާއެއް އެއްވެސް ރަށަކުން ނާދޭ. ހަމަގައިމު ވެސް ކޮންމެސް ކަމެއް ކޮށް ނިމިއްޖެތާ. އެއްވެސް ރަށެއްގެ ޝަކުވާއެއް ނާދޭ. އަންނަނީ ކުޑަކޮށް ފުރިހަމަކޮށްލަމުން އެ ކަންތައްތައް. ބަނދަރު ވެސް ހަމަ އެހެން, މަދު ރަށެއް ފިޔަވައި. ނެރު ފައިކަށި ކޮންމެވެސް އަރިއަކަށް ޖައްސައިލަން. ނޫނިއްޔާ ބޭރު ތޮށްޓަށް ކުދި ލޯންޗުފަހަރު ކައިރިކޮށްލެވޭ ގޮތަށް ބަނދަރު ބަދަލުކޮށްލުމަށް.“
”އެއީ މިހާރު އަޅުގަނޑުމެން އަޅަމުން މި ގެންދާ ބަނދަރުތަކަކީ ވަރަށް ޒަމާނީ ވަރަށް ބޮޑަށް ރައްޔިތުންނަށް ފަސޭހަ ގެނެސްދޭ ބަނދަރުތައް.“ ރައީސް އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނީ މި ސަރުކާރުން ކަމަށެވެ.
”އަޅުގަނޑު މިހުރީ އެވީ ވަޢުދުތަކާ އެއްގޮތަށް އަދި ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ކުރިއެރުން ގެނެސްދިނުމަށްޓަކައި ސަރުކާރެއް އެކުލަވާލައި އެއާއެކީ ކުރިއަށްދާން. އަޅުގަނޑު އެދެނީ ތި ހުރިހާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް މިކަމުގައި ދިނުން.“ އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެކުރިން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ “އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ވެސް އަދި ރިޔާސީ އިންތިޚާބު ވެސް ބޮޑު ތަނުން ކާމިޔާބުކޮށް އަޅުގަނޑު ދާނީ އެމްޑީޕީއާ އެއްކޮށް ކުރިއަށް“ ކަމުގައެވެ.