”އަންނަނީ، އަންނަނީ، އަންނަނީ“ ނޫން ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެތައް ކަމެއް އަތުވެއްޖެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ކުމުންދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ ”އަންނަނީ، އަންނަނީ“ ކިޔާފައި މިއަދު ވާހަކަ ދައްކަމުން އެބަ ދާ ކަމަށާއި ދުނިޔެ އޮތްހައި ހިނދަކު ކަންކަން އަންނާނެ ކަމަށެވެ.
”މި ސަރުކާރު އައިސް ތިން ކައުންސިލަރުން ތިއްބާ ފަސް ކައުންސިލަރުންނަށް އިތުރުކޮށްފައި އެ މީހުންގެ މުސާރަ ބޮޑުކޮށްފި. އެއީ އަންނަނީކީ ނޫން. ވެފަ ހުރި ކަންތައް. ހަމަ އެގޮތަށް ޑަބްލިޔުޑީސީ ބާރުވެރިކުރުމަށް އެ މީހުންގެ މުސާރަތައް ބޮޑުކޮށްފި. އެއީ އަންނަނީކީ ނޫން. އައިސްފަ ހުރި ކަންކަން.“
މީގެ އިތުރުން ޓީޗަރުންގެ މުސާރަ ވެސް ބޮޑުވެއްޖެ ކަމަށާއި އެއީވެސް އައިސްފައި ހުރި ކަންކަން ކަމަށެވެ. ދެން މި އަހަރުތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށާއި އެއީ އަންނާނެ ކަންކަންކަމަށް ރާއީ ވިދާޅުވިއެވެ.
”މި ތިން ރަށުގެ ތަންތަނުގަ ތިބި މުވައްޒަފުން ކުރިން ތިބި ވަރަށްވުރެ މިހާރު ޑަބަލްވެއްޖެ. އެ ބޭފުޅުންގެ ގޭގެއަށް މިހާރު ކިހިނެއްތޯ ވަނީ. މުސާރަ އަންނަނީ. ކޮންމެ މަހަކު މުސާރަ އަންނަނީ.“ ރާއީ ވިދާޅުވިއެވެ.
”އަންނަނީ، އަންނަނީ، އަންނަނީ“ ނޫން ކަމަށާއި އެތައް ކަމެއް އަތުވެއްޖެ ކަމަށް ރާއީ ވިދާޅުވެފައި މިވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މާލޭގައި ވާހަކަފުޅު ދައްކަވަމުން ދާދިފަހުން ނަޝީދު ދެއްކެވި ވާހަކަފުޅަށް ޢިޝާރަތް ކުރައްވައެވެ.
”މި ސަރުކާރުގެ ޝިޢާރަކީ އޮލިމްޕަހުގައި އަޅުވާނެ, އަންނަނީ ދެން އަންނަނީ. މި އަންނަ ކުއާޓާގައި އަންނަނީ އަނެއް ކުއާޓާގައި އަންނަނީ. މި ފިލްމެއް ނުފެނުނު.“ ނަޝީދު ވިދާޅުވިއެވެ.
އެއަށް ރައްދު ދެއްވައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫ ހުޅުމީދުއަށް ބެލި ނަމަވެސް ބުނެލަން އޮތީ ”ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ“ ކަމަށާއި ނިމިއްޖެ ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގުކަމަށެވެ.