މަކުނުދޫ ދާއިރާއަށް މި ސަރުކާރުން 112 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މިއަދު މަކުނުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮވިޑުގެ ދަތިކަމާއެކު ވެސް މި ސަރުކާރުން މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ ތަރައްޤީއަށް ޖުމްލަ 112 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ މަކުނުދޫއަށް 40 މިލިއަން ރުފިޔާއާއި ނޭކުރެންދުއަށް 37 މިލިއަން ރުފިޔާއާއި ކުމުންދުއަށް 35 މިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.
”…ވޭތުވެދިޔަ ތަނުގައި ބައިވަރު ވެރިން އަތުވެއްޖެ. އެތައް އަހަރަކު ވެރިކަން ކުރެއްވި ބޭފުޅުން އެބަ ތިއްބެވި. ތަންކޮޅެއް އަވަހަށް ވެރިކަމާ ދުރުވި ބޭފުޅުން އެބަ ތިއްބެވި. ކުޑަ މުއްދަތެއް ލިބުނު ވެރިން ވެސް އެބަ ތިއްބެވި. ފަސް އަހަރު ޚިދުމަތް ކުރެއްވި ބޭފުޅުން ވެސް އެބަ ތިއްބެވި. ހަމަގައިމުވެސް މި ދާއިރާއަށް މިވަރުގެ ހޭދައެއްކުރި އެއްވެސް ސަރުކާރެއް ނޯންނާނެ.“
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމުގައެވެ. އަދި މިއަދު ތަރައްޤީ އަންނަމުންދާއިރު އެ ތަރައްޤީއާއެކު ކުރިއަށްދާނީ ތޯ ނޫނީ ތަރައްޤީ މަޑުޖެހުންތޯ މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ވިސްނަންޖެހޭ ކަމަށެވެ.