ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެ ކަންބޮޑުވުންތައް އިއްޔެ ޔޫރަޕްގެ ޤައުމުތަކުގެ ސަފީރުންނަށް ހުށަހަޅައިފިއެވެ.
އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އިއްޔެ ވަނީ ސްރީލަންކާގެ ކޮލަމްބޯގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައިފައެވެ.
އިދިކޮޅުގެ ވަފުދުގައި ހިމެނެނީ ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލާއި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދާއި ޕީޕީއެމްގެ ރައީސް އަޙްމަދު ޝިޔާމާއި ސެނެޓަރ ހަމްދާން ޝަކީލާއި ޢާއިލާގެ ފަރާތުން ރައީސް ޔާމީންގެ ދަރިކަލުން ޒެއިންއެވެ.
އެ ބޭފުޅުން ވަނީ ޖަރުމަނު ސަފީރާއި ފްރާންސްގެ ސަފީރާއި އިޓަލީގެ ސަފީރާއި ނެދަލޭންޑްސްގެ ސަފީރާއި ރޫމޭނިޔާގެ ސަފީރާއި ބައްދަލުކުރެއްވިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ ޤާނޫނާ ޚިލާފަށް ރައީސް ޔާމީން ޖަލަށްލައި ސަރުކާރުން އެ މަނިކުފާނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވާތީ މިނިވަން އިންސާފުވެރި ޝަރީޢަތެއް ނުލިބޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަބަދުވެސް ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު މިނިވަންކުރަން ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށް ވެސް ބުންޏެވެ.