މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ އިލެކްޓްރިކް ބަގީ ޚިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން އެ ރަށުގައި ބަހުގެ ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަކޮޅު ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ފަށަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ނިންމުން ނިންމާފައިވަނިކޮށް ސަރުކާރުން ވަނީ ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށްޓަވާނެކަން އިއުލާނު ކޮށްފައެވެ.
އެމްޓީސީސީން އިއްޔެ ބުނީ ބަހުގެ ޚިދުމަތް ފަށަން ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި މި މަހުގެ 20 ވަނަ ދުވަހު ޚިދުމަތް ފަށާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 85 ވަނަ ޖަލްސާގައި މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށަން ނިންމެވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން ރައްޔިތުން ވެސް އެ ގޮތް ބޭނުންވާތީ ކަމަށެވެ. އަދި މިކަން ކުރިއަށް ދަނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯދައިކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިކަން ތަންފީޒު ކުރުމުގެ ފަހު މަރުހަލާގައި އޮއްވާ ކުއްލިއަކަށް އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން ކަމަށެވެ. އަދި އެއް ކަމަކަށް ޑަބަލްކޮށް ރައްޔިތުންގެ ފައިސާ ޚަރަދުކުރުމަކީ ދެކޮޅުޖެހޭ ކަމެއްނޫންކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.