ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން ލާޒިމްކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ އައްޑޫލައިވްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ޞާލިޙް އިތުރު ދައުރަކަށް ހޮވަންޖެހޭ ދެ ސަބަބެއް ސަޢީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ނުކުރެވި ހުރި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް މިއަދު ކުރެވެމުންދާއިރު އެ ކަންކަން ނިންމުމަށް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން ބުއްދިވެރި ކަމަށެވެ.
”ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓުދޭންޖެހޭ މައިގަނޑު ސަބަބަކީ 40 އެތައް އަހަރެއްވަންދެން ރާއްޖޭގައި ނުކުރެވި ހުރި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް މިއަދު ކުރެވެމުން ގޮސް އެ މަސަކަތްތައް ނިންމުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން އަޅުގަނޑުމެންނަށް ބުއްދިވެރި.“
ސަޢީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ނެތި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ވެރިކަމެއް ރާއްޖޭގައި ނުކުރެވޭނެކަން މާޒީގައި ރައްޔިތުން ތަޖުރިބާކޮށްފި ކަމަށެވެ.
އެހެންކަމުން މި ދެ ސަބަބަށްޓަކައި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވުން ލާޒިމް ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.