ދައުލަތް ހިންގެވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ނުބައްލަވައި ޢަދުލު އިންސާފު ގާއިމުކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އޭނާ ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ދިރިއުޅުއްވަމުން ގެންދެވި ގޭގައި ފިސްތޯލައެއް އޮތްކަމަށް ބުނެ ހައްޔަރުކޮށް ޖަލަށްލި މައްސަލަ ރިވިއު ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.
އެ މައްސަލައިގައި އިންސާފު ލިބިވަަޑައިނުގަންނަވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެއީ މާޒީ ކަމަށާއި މިއަދު މީ އެހެން ދުވަހެއް ކަމަށެވެ. މިއަދު މި ހުންނެވީ އަނެއްކާ ވެސް ޤައުމީ ޚިދުމަތުގައި ކަމަށާއި ޤައުމުގެ ކަންކަން ރަނގަޅު ކުރެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ކަމަށެވެ.
”ޤައުމުގައި ހުރި މައްސަލަތައް ބޮޑެތިވެފައި ގިނައެވެ. ކުރަންވެފައި ހުރި މަސައްކަތްތައް ވެސް ގިނައެވެ. ހަމައެފަދައިން އަޅުގަނޑުގެ ހިތްވަރާއި ސާބިތުކަން ވެސް ވަރުގަދައެވެ.“
ދަނގެތީ ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ ދައުލަތް ހިންގެވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ނުބައްލަވައި ޢަދުލު އިންސާފު ގާއިމުކުރެއްވުމަކީ އަމާޒެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ އިންސާފަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ އެއްޗެއް ކަމުގައެވެ.