ދުނިޔޭގެ އެންމެ މުސްކުޅި މީހާ އުމުރުން 118 އަހަރުގައި މަރުވެއްޖެއެވެ.
ފަރަންސޭސިވިލާތުގެ ރައްޔިތެއްކަމުގައިވާ ލޫސިލް ރެންޑަން 118އ މަރުވީ އަންގާރަ ދުވަހު، އޭނާ ދިރިއުޅޭ ނާސިން ހޯމުގައި ނިދާފައި އޮތްވަ އެވެ. ހޭނުލައިގެން ބެލި އިރު އޭނާ އޮތީ މަރުވެފައެވެ. އޭނާ އުފަންވީ 11 ފެބްރުއަރީ 1904 ގައެވެ.
ލޫސިލް ރެންޑަން ދިރިއުޅެމުން ދިޔައީ މުސްކުޅިންނަށް ފަރުވާދޭ ނާސިން ހޯމެއްގައެވެ. އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްފައި ވަނީ އެތަނަށެވެ.
ލޫސިލް ރެންޑަންގެ މަރާއި ގުޅިގެން ނާސިން ހޯމުގެ ތަރުޖަމާނަކު ވަނީ ހިތާމަ ފާޅުކޮށް ވާހަކަދައްކާފައެވެ. އެ ވާހަކަތަކުގައި ލުސިލްއަށް ތައުރީފުކޮށްފައި ވެއެވެ.
މަރުވުމުގެ ކުރިން ލޫސިލް ބުނި ގޮތުގައި އޭނާގެ އުމުރު ދިގުވުމުގެ މައިގަނޑު ސަބަބަކީ މަސައްކަތާ މަޝްޢޫލުވެގެން އުޅުމާއި އެހެން މީހުންނަށް އަޅާލުމެވެ.
އޭނާ ވަނީ ޒުވާން ދުވަސްވަރު ފްރާންސްގެ ހޮސްޕިޓަލެއްގައި 31 އަހަރު ވަޒީފާ އަދާކޮށްފައެވެ.
”ބައެއް މީހުން ބުނޭ މަސައްކަތް ކުރުމުން އަވަހަށް މަރުވެއޭ. އަހަރެން ބުނާނީ މަސައްކަތް ކުރުމުންނޭ އަހަންނަށް ދިރިހުރެވެނީ. އުމުރުން 108 އަހަރު ވަންދެން އަހަރެން މަސައްކަތް ކުރަމުން ދިޔައިން“ އޭނާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވެއެވެ.
އޭނާ 2021 ވަނަ އަހަރު ކޮވިޑް-19ގެ ޝިކާރައަކަށްވިއެވެ. ނަމަވެސް ބޭސްފަރުވާކޮށްގެން ބަލިން ސަލާމަތްވިއެވެ.
”މީހުން އެކަކު އަނެކަކަށް އެހީތެރިވެ، ނަފްރަތު ކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް ލޯބިވާން ޖެހޭނެ. އެ ހުރިހާ ކަމެއް ހިއްސާ ކުރިނަމަ ކަންކަން ވަރަށް ރަނގަޅުވާނެ.“ ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ ބުންޏެވެ.
އޭނާގެ އެންމެ އުފާވެރި އެއް ހަނދާނަކީ ހަނގުރާމައަށް ދިޔަ އޭނާގެ ދެބެއިން 1918 ވަނަ އަހަރު ހަނގުރާމަ ނިމިގެން އެނބުރި ގެއަށް އައުން ކަމަށް އޭނާގެ 116 ވަނަ އުފަންދުވަހު އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ނާސިން ހޯމުގައި އޭނާ އުޅުނު ދުވަސްތައް ތަކުގައި އޭނާ އަޅުކަމާއި ކެއުން ބުއިމާއި ތަނުގައި އުޅޭ އެހެން މީހުންގެ ގާތަށް ޒިޔާރަތްކުރުމާއި އަރާމު ކުރުމުގައި ވަގުތު ހޭދަކުރިއެވެ.
އުމުރުގެ ފަހު ދުވަސްތަކުގައި ލޯފަންވެ، ފުރޮޅުލީ ގޮނޑިއެއް ބޭނުންވި ނަމަވެސް، ކުރިން އޭނާއަށް ވުރެ މާ ޒުވާނުންނަށާއި އުމުރުން ދުވަސްވީ އެހެން މީހުންނަށް އެހީތެރިވެ އޭނާ އަތްގާތްކޮށްދީފައި ވެއެވެ.
ޔޫރަޕްގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފާހަގަކުރެވިފައިވާ ލޫސިލް ރެންޑަން ދުނިޔޭގެ އެންމެ ދުވަސްވީ މީހާއަށް ވީ މިދިޔަ އަހަރު އުމުރުން 119 އަހަރުގައި ޖަޕާނުގެ ކޭން ޓަނާކާ މަރުވުމާ ގުޅިގެންނެވެ. ގިނިސް ވޯލްޑް ރެކޯޑްސް އިން އޭނާގެ މަގާމު ރަސްމީކޮށް ގަބޫލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.