މި ދައުރު ނިމޭއިރު މަޝްރޫޢުތަކުގެ 90 އިންސައްތަ ނިމޭނެކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުރިނބީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އަސާސީ ޚިދުމަތްތަކަށް އިސްކަންދީގެން މަޝްރޫޢުތައް ހިންގުން ކަމަށާއި ވަކި ރައްޔިތަކު ބާކީ ނުކޮށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ ތަސައްވުރެއް ކަމަށެވެ.
އެ ގޮތުން ވަކި ރަށެއް ބާކީ ނުކޮށް އެކި ރަށްރަށަށް ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތަކުގެ 90 އިންސައްތަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތެރޭގައި ނިމި ޚިދުމަތް ލިބިގެންދާނެ ތަން ފެންނާނެ ކަމަށެވެ.