މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގޭގައި ފިސްތޯލައެއް އޮތްކަމަށް ބުނެ ހައްޔަރުކޮށް ޖަލަށްލި މައްސަލަ ރިވިއު ނުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނާޒިމް ދިރިއުޅުއްވި ގ.އެނިފްއިން ފިސްތޯލައެއް ފެނުުނުކަމަށް ބުނީ 2014 ވަނަ އަހަރު ޖެނުއަރީމަހުގައެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ބުނެ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުގައި 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ވެސް ކުރިއެވެ.
ކްރިމިނަލް ކޯޓުން ކުރި އެ ޙުކުމަށް ހައިކޯޓުންނާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކުރިއެވެ. ނަމަވެސް ނާޒިމްގެ ފަރާތުން އަލުން އެ މައްސަލަ ރިވިއުކޮށްދެއްވުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުން 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި އެ ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުރި ޙުކުމް ބާޠިލްކޮށްފައެވެ.
”މިރެއަކީ އަޅުގަނޑު ފްރޭމް ކުރުވެނުތާ 8 އަހަރު ފުރުނު ރޭ. ނުޙައްޤުން 11 އަހަރުގެ ޖަލު ޙުކުމެއްކޮށް 3 އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކުރީމު.“ ބަޔާނެއް ޢާންމުކުރައްވައި ރޭ ދަންވަރު ނާޒިމް ކުރެއްވި ޓުވީޓުގައިވެއެވެ.
ނާޒިމް ވިދާޅުވީ ސްޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް މި މައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު މި މައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން ކަމަށެވެ.
އޭނާ ވަނީ އިންސާފު ގާއިމު ކުރެވޭ ހަމަހަމަ މުޖުތަމައެއް ގާއިމު ކުރަން ޤައުމީ މަސައްކަތުގައި ދެގޮތެއްނުވެ ހުންނަވާނެކަމަށް ވެސް ވިދާޅުވެފައެވެ.