ޗައިނީސް ނިއުއިޔާއާއި ދިމާކޮށް ޗައިނާގެ ލޯކޮސްޓު ”ބެއިޖިންގ ކެޕިޓަލް އެއާރލައިން“ގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
މިއަދު ފެށި މި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ”ޖޭޑީ 455“ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މެންދުރު 12:43ހާ އިރެވެ.
3 އަހަރުގެ މެދުކެނޑުމަކަށް ފަހު ކެޕިޓަލް އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން މި ފެށީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިގައި އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ 8 ވަނަ ދުވަހު އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާއެކުއެވެ.
މިއަދު އައި ކެޕިޓަލް އެއާރލައިންގެ ފުލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާރސެލިއުޓެއް ވަނީ އަރުވާފައެވެ.
އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާއަކު 4 ދަތުރުކުރު ރާއްޖެއަށް ކުރަނީ ޗައިނާގެ ވެރިރަށް ބެއިޖިންގ ”ބެއިޖިންގ ޑެކްސިން އިންޓަނޭޝަނަލް އެއާރޕޯޓުން“ ރާއްޖޭގެ މައި އެއާރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.

މި ދަތުރުތަކުގައި އެ އެއާރލައިނުން ބޭނުންކުރަނީ 306 މީހުންގެ ޖާގައިގެ އެއާރބަސް މަރުކާގެ އޭ330ގެ ބޯޓެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޗައިނާއާއި އޮތްގުޅުން ރަނގަޅުމުގެ ސަބަބުން 2015 ވަނަ އަހަރުން ފެށިގެން ޗައިނާގެ ގިނަ އެއާރލައިނުތަކުން ރާއްޖެއަށް ދަތުރުތައްފެށިއެވެ. އޭގެތެރޭގައި ހިމެނޭ ކެޕިޓަލް އެއާރލައިނުން ރާއްޖެއަށް ހަފްތާއަކު 4 ދަތުރު ބާއްވަމުންދިޔައެވެ. ނަމަވެސް މި ދަތުރުތައް ހުއްޓާލާފައި ވަނީ ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
ބެއިޖިންގ ކެޕިޓަލް އެއާރލައިނަކީ ހައިނާން އެއާރލައިންގެ ސަބްސިޑަރީ އެއާރލައިނެކެވެ. ”ކެޕިޓަލް އެއާރލައިން“ގެ ނަމުން މަޝްހޫރު މި އެއާރލައިންގެ ފުލީޓުގައި 86 މަތިންދާ ބޯޓު އޮވެއެވެ. މި އެއާރލައިންގެ އޮޕަރޭޝަން ފަށާފައި ވަނީ 1995 ވަނަ އަހަރުއެވެ.