އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހދ.އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ދަތުރު ފަށްޓަވައިފިއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ބުނީ ރައީސް ޞާލިޙް މިއަދު ހދ.އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ ކުރިނބީއާއި ކުމުންދުއާއި ކުޅުދުށްފުށި ސިޓީއާއި ހަނިމާދުއަށެވެ.
އެ ގޮތުން މިހާރު އެ މަނިކުފާނު ވަނީ ކުރިނބީއަށް ވަޑައިގެންފައެވެ.
ހަނިމާދުއަށް ވަޑައިގެން އެ ރަށު އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ޞާލިޙް އިއްޔެ ވެސް ވަނީ ކެމްޕޭނަށް ހަތަރު ރަށަކަށް ވަޑައިގެންފައެވެ. އެއީ ހޯރަފުށި, ކެލާ, އިހަވަންދޫ އަދި ދިއްދޫއެވެ.