މިހާރު ކުރަމުންދާ މަސައްކަތްތައް ކުރަމުން މިދަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށްޓަކައި ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ނިހާދު ވިދާޅުވީ ރައީސް ނަޝީދަށް ވެސް ރަނގަޅުވާނީ އަންނަ ދައުރުގައި ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުން ކަމަށެވެ. އަދި ވެރިކަން ދަމަހައްޓަން އެންމެ ފުރުސަތު ބޮޑީ ރައީސް ޞާލިޙަށް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރައީސް ނަޝީދަށްޓަކައި ކުރާ މަސައްކަތް, ރައީސްއަށް ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް އަންނަ ދައުރުގައި ވެސް ލިބިގެން ދިއުން. ވެރިކަން ދަމަހައްޓަން އެންމެ ފުރުސަތު ބޮޑީ ރައީސް ޞާލިޙަށް ކަމާމެދު އެއްވެސް ޝައްކެއް ނެތް.“
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ރައީސް ޞާލިޙް ވަނީ މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޞާލިޙަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށްވެއްޖެނަމަ ލިބިވަޑައިގަންނަވާނީ ދިހަ ވަރަކަށް ފަނަރަ ވަރަކަށް އިންސައްތަ ވޯޓެވެ.