ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) ގެ ބަހަކުން ފެނުނު ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކުރި ބިދޭސީ މީހާ މިއަދު ޑީޕޯޓުކޮށްލާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޢާއިލީ ކުންފުނި އާރްސީސީގެ ބަހަކުން ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް އަތުލައިގަނެ, ވެހިކަލް ދުއްވަން އިން ޑްރައިވަރު ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ނާޒިމް އެ ދުވަހު ވިދާޅުވީ އޭނާގެ ޢާއިލީ ކުންފުނީގެ މުވައްޒަފެއް ނަމަވެސް ގަވާއިދާ ޚިލާފު އަމަލެއް ހިންގައިފިނަމަ އެކަމެއް ބައްލަވާނެ ކަމަށެވެ.
އާރްސީސީން މިއަދު ބުނީ ފުލުހުން އެ މައްސަލަ ބެލުމަށްފަހު ބިދޭސީ މީހާ ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ކުރުމަށް އެ ކުންފުނިން ހިތްވަރު ނުދޭނެ ކަމަށް ވެސް ބުންޏެވެ.