ބައެއް ސިޔާސީ ބޭފުޅުން ފާޑުވިދާޅުވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޯޓުތަކަށް ”އަތް ނުބާނާތީ“ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުން ވަކި ގޮތަކަށް ޝަރީޢަތްތައް ދާން ފެންނަ ކޮންމެ ކަމެއްގައި ސަރުކާރަކުން ކޯޓުތަކަށް އަތް ބާނާ ޙުކުމް ނެރެންވާނެ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
”މިހާރު ބައެއް ސިޔާސީ ބޭފުޅުން ފާޑުވިދާޅުވަނީ ރައީސް ޞާލިޙް ކޯޓުތަކަށް އަތް ނުބާނާތީ“
ޝަރީފް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވަނީ އެ ބޭފުޅުންނަށް ފެންނަ ކޮންމެ މީހަކު ހުންނަންޖެހޭނީ ޖަލު ގޮޅީގައި ކަމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ވިދާޅުވާ ގޮތަށް އިންސާފު ގާއިމުކުރެވޭނީ އަނެއްކާވެސް ފުލުސް ކޯޓުގެ ނިޒާމު ގާއިމުކޮށްގެން ކަމަށެވެ.