އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެއާއި ލަންކާއަށް ތިން ދުވަހެއްގެ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ވަޑައިގަންނަވާނެއެވެ.
އެ ގޮތުން އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގާ ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ފޯކައިދޫގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރު އިފްތިތާހު ކޮށްދެއްވާނެއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރު ޝާހިދާއެކު މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާނެއެވެ.