ރާއްޖޭގައި ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމާއި ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފިއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސެލެންސީ މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއެކު މި މަޝްވަރާތައް ކުރިއަށް ގެންދެވީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އިންޑިއާގެ ވިޒިޓިންގ ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި، ރާއްޖޭގެ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ހަމައެހެންމެ އިންޑިއާގެ ސްޓާޓް އަޕް އިންކިއުބޭޓަރސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
އިންޑިއާ ސަފީރު ވަނީ ރާއްޖެއަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.