ވިލިމާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ އިތުބާރުކުރެވޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްއެއް ވިިލިމާލޭގައި އޮތުމަށް ކަމަށް އެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ވިލިމާލެއަށް ދިނުމަށް އެމްޓީސީސީއިން އަންނަނީ ތައްޔާރުވަމުންނެވެ. އެމްޓީސީސީގެ އަމާޒަކީ މި ހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމެވެ.
އެ ގޮތުން އުޝާމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ އިތުބާރުކުރެވޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްއެއް ވިލިމާލޭގައި ވެސް އޮތުން ކަމަށެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
ވިލިމާލޭގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށަން ނިންމިއިރު، މާލޭ ސިޓީ ކައުންސިލުން އަންނަނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ. އެ ގޮތުން އެކަމަށް ބޭނުންވާ 10 ބަގީ މި މަހު ފަހުކޮޅު މާލެ ގެނެވޭނެ ކަމަށާއި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ވިލިމާލޭގެ ރައްޔިތުން ބޭނުންވަނީ އެ ރަށުގައި ވެސް އިތުބާރުކުރެވޭ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްއެއް އޮތުމަށް ކަމަށް އުޝާމް ވިދާޅުފައިވާއިރު، މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކެއް އަރުވަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކައުންސިލުން އެ ރަށުގައި ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަނިކޮށް ސަރުކާރުން އެފަދަ ނިންމުމެެއް ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި ނާތަހުޒީބު އަމަލެއް ކަމަށެވެ.