ޖޭމްސް ކެމެރަންގެ ”އެވެޓާ“ ފްރެންޗައިޒްގެ ދެވަނަ ފިލްމު ”ދަ ވޭ އޮފް ވޯޓާ“ގެ އާމްދަނީ ދެ ބިލިއަން ޑޮލަރާ ގާތް ކޮށްފިއެވެ.
މިދިޔަ މަހުގެ 15 ގައި ދައްކަން ފެށި ފިލްމު އެވެޓާ އަދި ސިނަމާތަކުގައި އެޅުވި ފަހުން މަހެއް ވެފައިވާއިރު އަދި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޗާޓުގެ އެއްވަނައިގައި އޮތީ އެ ފިލްމެވެ.
އެވެޓާގެ އާ ފިލްމަށް ލިބުނު އާމްދަނީ މިހާރު 1.89 ބިލިއަން ޑޮލަރަށް އަރައިފިއެވެ. އަދި 1.92 ބިލިއަން ޑޮލަރުގެ އާމްދަނީއިން އިތުރުވެއްޖެ ނަމަ އެ ފިލްމަށް އާ ރެކޯޑެއް މުގުރާލެވޭނެއެވެ. އެގޮތުން 1.92 ބިލިއަން ޑޮލަރަކީ މާވެލްގެ ”ސްޕައިޑާމޭން: ނޯވޭ ހޯމް“ އަށް ލިބުނު އާމްދަނީއެވެ. މި އާމްދަނީއަކީ ކޮވިޑާއެކު ސިނަމާތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވުމާއެކު މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. ނަމަވެސް އެވެޓާ މިހާރު މިސްރާބު ޖަހާފައިވަނީ އެ ރެކޯޑު މުގުރާލާށެވެ.
އެވެޓާގެ ދެވަނަ ބައި މިވަގުތު އޮތީ ދުނިޔޭގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ފިލްމުތަކުގެ ލިސްޓުގެ ހަތް ވަނައިގައެވެ.
އެވެޓާގެ އެންމެ ބޮޑު މާކެޓެއް އޮތީ އެމެރިކާގައެވެ. އެއަށްފަހު އެންމެ ބޮޑު މަގުބޫލުކަމެއް މި ފިލްމު ހޯދާފައިވަނީ ޗައިނާގައެވެ.
އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ނަމަވެސް ފުރަތަމަ ފިލްމާ ވާދަކުރުމަށް އެ ފިލްމަށް އަދިވެސް ގާތް ގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ބޭނުންވާނެއެވެ. އެވެޓާގެ ފުރަތަމަ ފިލްމަކީ 2.9 ބިލިއަން ޑޮލަރާއެކު މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމެވެ.