އަޖޭ ދޭވްގަނާ އެކީ ޑައިރެކްޓަރު ނީރަޖް ޕާންޑޭ ހަދަން ނިންމާފައިވާ ރޮމޭންޓިކް ތުރިލާގެ ބަތަލާގެ ރޯލަށް ސައީ މަންޖްރޭކަރް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު/އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިފުޅު ފިލްމުގެ ލީޑް ބަތަލާގެ ރޯލަށް ނެގީ ގިނަ އޮޑިޝަންތަކަކަށް ފަހު ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ނަން އަދި އިއުލާން ނުކުރާ ފިލްމަށް މަޝްހޫރު ބައެއް ބަތަލާއިންގެ އިތުރުން އާ ފަންނާނުންތަކެއް ވެސް އޮޑިޝަން ހެދި އެވެ. ނަމަވެސް އެންމެ ފަހުން ސައީ އަށް ފުރުސަތު ދޭން ނިންމި އެވެ.
އުމުރުން 25 އަހަރުގެ ސައީ އަކީ ސަލްމާން ޚާންގެ 2019 ގެ ”ދަބަންގް 3“ އިން އެކްޓިން އަށް ނުކުތް ބަތަލާއެކެވެ. އޭނަ މިހާތަނަށް ކުޅުނު ހަމައެކަނި ހިންދީ ފިލްމަކީ ވެސް އެއީ އެވެ. ނަމަވެސް ސައީ މިހާރު އަންނަނީ ”ކުޗް ކައްޓާ ހޯ ޖާއޭ“ ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.
މިދިޔަ އަހަރު ތެލެގޫ ދެ ފިލްމަކުން އުންމީދީ ބަތަލާ ފެނިފައިވެ އެވެ. އެއީ ”މޭޖާ“ އާއި ”ގަނީ“ އެވެ.
އަޖޭ އާއި ސައީއާ އެކީ ނީރަޖް ހަދަން ތައްޔާރުވާ ފިލްމުގެ ކާސްޓްގައި ޖިމީ ޝެރްގިލް ވެސް ހިމެނެ އެވެ. ނީރަޖް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ”އަ ވެނިޒްޑޭ“، ”އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ“ އަދި ”ސްޕެޝަލް 26“ ހިމެނެ އެވެ.
މީޑިއާތަކުން ބުނީ ނީރަޖްގެ އާ ފިލްމުން ޝޫޓިން މި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.