”ވެރިކަމަށް ދަހިވެތިވީމާ ގޮސް ގޭގޭގެ ބަދިގެ ތެރެއަށް ވަދެ ގަރުދިޔަ ކައްކަން އޮވެވޭނަމަ“ ރައީސް މުޙައްމަދު ނަޝީދަށް އެހާ ބޮޑޫ ސެކިއުރިޓީއެއް ދިނުމުގެ ބޭނުމެއް އެބައޮތްތޯ ޑރ.މުޙައްމަދު އިޔާޟް ސުވާލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުފުޅު ކުރައްވަމުންނެވެ. އެ ދަތުރުފުޅުތަކުގައި ގޭގެގެ ބަދިގެއަށާއި ކާގެއަށާއި އެކިއެކި ތަންތަނަށް ވަދެވަޑައިގަންނަވައެވެ. ގެއެއްގައި ފަރިކުޅުއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯއެއް ވެސް މިހާރު މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިޔާޟް ވިދާޅުވީ ރައީސް ނަޝީދު ދައުރު ހަމަނުކުރައްވައި އިސްތިއުފާދެއްވި ނަމަވެސް ކުރީގެ ރައީސަކަށް ލިބޭ ޢިނާޔަތްތައް ބަރާބަރަށް ނަންގަވާ ކަމަށާއި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ވެސް ނަންގަވާ ކަމަށެވެ.
”ތިމާގެ ހަށިރައްކަލަށޭ ކިޔާފައި މާލިއްޔަތުން ބޮޑު ޚަރަދު ކުރުވައިގެން ގަނޑުވަރު ވަށައިގެން ރަތް ރޮނގު ދަންމަވައި، ގަނޑުވަރު ވަށައިގެން ހުރި ގެތަކަށް ކުނި ނަގާ މީހަކަށް ވެސް ވަކި އުސޫލެއްގެ ދަށުން މެނުވީ ނުވަދެވޭ ގޮތަށް ހެދީ ހަށި ރައްކައްކަލަށް ކަމަށްވާއިރު ވެރިކަމަށް ދަހިވެތިވީމާ ގޮސް ގޭގޭގެ ބަދިގެ ތެރެއަށް ވަދެ ގަރުދިޔަ ކައްކަން އޮވެވޭނަމަ ކޮބައިތޯ އެއަށް ބޮޑު ސެކިއުރިޓީގެ ބޭނުމަކީ. ރައްޔިތުންގެ ފައިސާއިން މިހާބޮޑު ޚަރަދެއް އެންމެ މީހަކަށް ކުރުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން.“
ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖެއްސުމަށް ނިންމައި ޤާނޫނަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ މެއި 06 ގައި މަޖިލީހުގެ ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހުގައެވެ. ބޮންގޮއްވައިލިއިރު ރައީސް ނަޝީދު އުޅުއްވީ ގ.ކެނެރީގޭގައެެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު އެޅުމަށް ނިންމާފައިވަނީ ތީމުގޭ ކުރިމަތީ މިހާރު ޕާކިން ޒޯނެއްގެ ގޮތުގައި އޮންނަ ދަންޑެހެލު ގޭގައެވެ. އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު އެޅުމަށް ނިންމާފައިވަނީ މަޖީދިއްޔާ ސުކޫލު ކުރިމަތީގައި އޮންނަ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި ޢިމާރަތް ހުރި ބިމުގައެވެ. އެ ދެ ތަން ނިމެންދެން މަޖިލީހުގެ ރައީސަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރަށް ރެހެންދި ފުލެޓުން އެޕާޓުމަންޓެއް ވަނީ ހަމަޖައްސާފައެވެ.