ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ”ދިވެހި ޗެނަލް“ އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ޞާލިޙް ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެފައިވާ ކަމަށް ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
”އެއީ ދޮގެއް. އެއީ ދޮގެއް. އެއީ ދޮގެއް. އެ މަނިކުފާނު ތާއީދުކުރައްވަނީ…އެ މަނިކުފާނުގެ ބަސްފުޅުތައް ބައްލަވާ ސިޔާސީ މައިދާނަށް އެމަނިކުފާނު ނުކުތީއްސުރެއް ފަށައިގެން ވިދާޅުވެފަ ހުރި އެއްޗެހި. ކަނޑައެޅިގެން އެެއީ އިތުރުފުޅެއް އެ ހައްދަވަނީ.“
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހޭނީ ކޮން ނިޒާމެއްތޯ ވިސްނާލަންޖެހޭ ކަމަށެވެ. އަދި މިފަދަ ޤައުމަކަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް 2008 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެ އިންތިޚާބުން އެނގިގެންދިޔައީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމެވެ. ނަޝީދު ވިދާޅުވީ އެއީ ސައްހަ އިންތިޚާބެއް ނޫން ކަމަށާއި އެއިން ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތެއް އެނގިގެންނުދާ ކަމަށެވެ.