މި ކޮރު ސަރުކާރުގެ ވެރިއަކަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ތަރައްޤީގެ ރަމްޒެއް ނާރާގޮތައް ފޮޓޯއެއް ވެސް ނުނެންގެވޭ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވި ފޮޓޯއެއްގެ ފަހަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ވީއައިޕީ ލައުންޖް ފެންނަން ހުރުމުން އެ ފޮޓޯ ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
”ބަލައިލި ކޮންމެ ދިމާއަކުން ފެނިގެންދަނީ ރައީސް ޔާމީންގެ ތަރައްޤީއެވެ. ފަހަތުން ތިޔަ ފެނިވަޑައިގަންނަވަނީ ރައީސް ޔާމީން ބިނާކޮށްދެއްވި ވެލާނާ އެއާޕޯޓްގެ އައު ވީއައިޕީ ލައުންޖެވެ. މި ކޮރު ސަރުކާރުގެ ވެރިއަކަށް ރައީސް ޔާމީންގެ ތަރައްޤީގެ ރަމްޒެއް ނާރާ ގޮތަށް ފޮޓޯއެއް ވެސް ނުނެގެއެވެ.“
ޝުޖާއު އިތުރަށް ވިދާޅުވީ އަތްލެވޭ ތަރައްޤީއަކީ މި ކޮރު ސަރުކާރު ދަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި މި ކޮރު ސަރުކާރަށް ކުރެވުނުހައި ވެސް ކަމަކީ ވައްކަން ކުރުމާއި، ނުޙައްޤުން ރައީސް ޔާމިނަށް އަނިޔާ ކުރުންކަމަށް މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެކަމަށް ވެސް ނިމުމެއް އަންނާނެ ކަމަށެވެ.