ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް އަންނަ މަހު ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނިކޮށް އެ ރަށުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށަން ސަރުކާރުން ނިންމުމުން މާލޭ ސިޓ ކައުންސިލުގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންނަ މަހު ފުރަތަމަކޮޅުގައެވެ.
މީގެ ދެ ދުވަސް ކުރިން ވިލިމާލޭގައި އޮތް ކެމްޕޭން ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށްޓަވާނެކަން އިއުލާނު ކުރައްވައިފައެވެ.
އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި އެކަމަށްޓަކައި ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ޚިދުމަތް ފަށާނެކަމަށް އެމްޓީސީސީން ބުންޏެވެ.
މި ނިންމުމާ ގުޅިގެން މޭޔަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކެއް އަރުވަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކައުންސިލުން އެ ރަށުގައި ބަގީގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަނިކޮށް ސަރުކާރުން އެފަދަ ނިންމުމެއް ނިންމި ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި ނާތަހުޒީބު އަމަލެއްކަމަށް ވެސް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.