ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް އަންނަ މަހު ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މި މަހު ފަހުކޮޅު މާލެ ގެނެވޭނެ ކަމަށާއި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް“ މޭޔަރު ވިދާޅުވިއެވެ.
ވިލިމާލެއަށް ގެންނަން ނިންމާފައިވާ ބަގީތަކުގެ ތެރޭގައި ހަތަރު ސީޓުގެ ބަގީއާއި ހަ ސީޓުގެ ބަގީއާއި 12 މީހުންގެ ޖާގަ ހިމެނޭ ބަގީ ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ބަގީތަކުގެ ތެރޭގައި މުދާ, ލަގެޖް, ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ ބަގީއާއި, ކުއްލި ހާލަތް ތަކުގައި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީ ހިމެނޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.